މި ސަރުކާރުން ފެނިގެންދާ ހަގީގަތަކީ ރައްޔިތުން މުޒާހަރާ ކުރުމުން ނޫނީ ރަނގަޅު ނިންމުމެއް މި ސަރުކާރަށް ނިންމަން ނޭނގުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވީޓީވީން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ މި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޯޑު ހިފައިގެން މުޒާހަރާކުރަން މަގުމައްޗަށް ނުކުންނަން މަޖުބޫރުވާ ކަމަށާއި ރައްޔިތުން އެގޮތަށް ކަންތައްކުރުމުން ސަރުކާރުގެ ނިންމުން ބަދަލުވާކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވެ، އަމީން ވަނީ ރައީސް ޔާމީން ވެރިކަން ކުރެއްވީ ގޮށްމުށުގެ ބާރުން ކަމަށާއި އެ ވެރިކަމުގައި ޔާމީނާ ދެކޮޅަށް އެއްވެސް ރައްޔިތަކަށް ބަހެއް ބުނަން ލާހިކު ކުޅާދާނައެއް ނޫން ކަމަށެވެ. އަދި އަމީން ވިދާޅުވީ ޔާމީނާއި ދެކޮޅަށް ބަސްބުނާ މީހާއަށް ނުވަތަ ބަޔަކަށް ކޮންމެވެސް ކަހަލަ ނުސިޔާނުކަމެއް އަންނަނާނެ ކަމަށެވެ.
'ހާސްކަނޑާލާ ހަމަޖެހޭނެ' ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މި ދެ ސަރުކާރުގެ ވެރިކަން ކުރުމުގެ ވައްޓަފާޅި ވެސް ގެންގުޅުނީ އެއް ގޮތަކަށް ކަމަށާއި އެއީ މިޒަމާނުގެ ދިވެހިންނަށް ކަމުދާ ވައްޓަފާޅިއެއް ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ އަމަން އަމާންކަމާއެކު، އުފަލާއެކު ހިތްހަމަ ޖެހުމާއެކު އެ ބޭފުޅުން އެ ދިރިއުޅޭ ވެއްޓެއްގައި ރީތިކޮށް ރައްޔިތުންނާއި ގުޅިގެން އުޅެން ކަމަށް ވެސް ވިދާޅުވިއެވެ.
ޕީޕީއެމް އާއި އެމްޑީޕީ ވެސް ވެރިކަން ކުރުމުގައި ގެންގުޅުނު ވައްޓަފާޅީގެ ސަބަބުން އެ ދެ ޕާޓީ ވެސް ފެއިލް ވެފައިވާ ކަމަށާއި އެހެންކަމުން މިފަހަރު މި ޖީލަށް ފެތޭ ޒަމާނީ އަދި ތަރައްގީ ޖީލެއް ބިނާ ކުރުމަށް، ކެންޑިޑޭޓް ނަމްބަރު 5، ޤާސިމް އިބްރާހިމް އަށް ވޯޓު ދެއްވުމަށް ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!