ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު 3،500ރ. އަށް ކުޑަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރިޔަސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމުނު މަޝްރޫއުތައް އެވްރެޖްކޮށް ހުންނާނީ 2،000ރ. އާއި 3،500ރ. އާ ދެމެދުގައި ކަމަށެވެ. މި ސަރުކާރުން އައިސް ނައިފަރާއި ބައެއް ރަށްތަކުގައި ހައުސިން މަޝްރޫއުތަކުގެ ކުލި ހުރީ 5،000ރ. އިން މަތީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިސާބުތައް ޖަހާފައި ހުރި ވަރު ބައްލަވާލައްވާފައިވާ ކަމަށެވެ. އެގޮތުން އިމާރާތް އެޅުން ފަދަ ކަންކަން ބެއްލެވި ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ، އޭގެ އަގާއި އިންޓަރެސްޓް ކޯސްޓާއި ފައިނޭންސް ކޯސްޓާ ހުރިހާ އެއްޗެއް އެއްކޮށްލައިފިއްޔާ 20 އަހަރަށް ބަހާލައިގެން ސަރުކާރަށް ދައްކަނީ ފައިސާ. އެހެންވެ އަގު ހަދާފައި އޮންނަނީ ފައިދާ ޖެހޭ ގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
އެ ޕްރޮފިޓުން ބައެއް އުނިކޮށްލުން ރައްޔިތުންގެ ހައްގުގައި ވަރަށް އެކަށީގެންވާ، އައުލާންކަން ބޮޑު ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ފައިދާއިން ބައެއް އުނިކޮށް 3500ރ. އަށް ކުލި ކުޑަކުރުމަކީ ވެސް ހަރަދު ޗަލާ ސަރުކާރަށް ފައިދާވާކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބައެއް މީހުން އެހެން ބުނީމަ، އިގްތިސާދު އަނދަވަޅަކަށް ވައްޓާލަނީ އޭ ބުނި ނަމަވެސް ޓެކްނިކަލް ބެކްގްރައުންޑެއް ނެތި އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!