ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްރަށަށް ވައުދުވެވަޑައިގަންނަވާތީ އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްތޯ އާއި އަބަދު ހަރަދު ކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އިންވެސްޓް ކުރެވޭނީ ހަރަދުކޮށްގެންނެވެ.
"އެ ކުރާ ހަރަދަކީ އިންވެސްޓްމަންޓަކަށް ހަދަން ކެރޭ ނަމަ، އެއީކީ ބޭކާރު ހަރަދެއް ނޫން. އެ ސަލާމަތް ކުރަނީ ލޯންގް ޓާމްގައި ދާނެ ބޭކާރު ހަރަދުތަކުން ސަލާމަތް ކުރަން ކުރެވޭ އިންވެސްޓްމަންޓެއް." މުއިއްޒު ވިދާޅުވިއެވެ.
"ބޭކާރު ވާހަކައެއް މި ތަނުގައި ވޯޓު ހޯދަންށޭ ކިއާފައި ނުދައްކާނަން."
މުއިއްޒު ވަނީ ނައިފަރު ރައްޔިތުންނަށް ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައުސިން މަޝްރޫއު އާއި ބިން ހިއްކުމާއި ރީތި އިސްލާމީ މަރުކަޒެއް އެޅުމާއި 80 ގޯތި ދިނުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމާއި މަސްވެރިންނަށް އައިސް ޕްލާންޓް ގާއިމު ކުރުން ފަދަ ކަންކަން ހިމެނެއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ މަސްވެރިކަމުގެ ސިނާއަތް ވަޅު ޖައްސައި ނިންމާލައިފައެވެ. އަދި ޕީޕީއެމް/ޕީއެންސީން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިއްޔެ ނައިފަރަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދަށް ނުކުތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!