ދިވެހިންގެ ތެރޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ1400 އަށްވުރެ ގިނަ މީހުން މިހާރުވެސް އެބަތިބި ކަމަށް ފުލުހުން އެއްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ޕޮލިސް ކޮމިޝަަނަރު މުހައްމަދު ހަމީދު، (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.
ކްރޮސް ރޯޑުގައި ބާއްވަމުން ގެންދަވާ ކައުންސިލަރުންގެ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގައި ތިބި މީހުން އަދިވެސް ރާއްޖޭގައި އުޅޭކަން ފާހަގަ ކުރައްވާ ކޮމިޝަނަރު ވިދާޅުވީ، މިފަދަ މީހުންގެ ތެރޭގައި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސް ނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި 1400 އާ ގާތްކުރާ އަދަދަކަށް ދިވެހިން އެބަތިބިކަމަށެވެ.
ޕާކިސްތާން އަދި އަފްޣާނިސްތާނު ފަދަ ޤައުމުތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި100 އަށްވުރެ ގިނަ ދިވެހިން ބައިވެރިވެފައިވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ ތެރޭން ބައެއް މީހުން އެނބުރި ރާއްޖެ އައިސް ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ،2017 ވަނަ އަހަރު އައިއެސް އާއި ގުޅިގެން ސީރިޔާގައި ހުރި ދިވެއްސެއް އިސްވެހުރެ، ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށެވެ. މިކަމާ ގުޅޭ މާބޮޑި ތަފްސީލެއް ދެއްވާފަި ނުވިނަމަވެސް، އޭނާ ވިދާޅުވީ، އައިއީޑީ ހަދާފައިވަނީ އައިއެސްގެ އިރުޝާދާއެކު މާލޭގައި ތިބި ދިވެހިން ތަކެއް ކަމަށެވެ. އަދި އެކަން ނާކާމިޔާބު ވެގެން ދިޔައީ ދިވެހި ފުލުހުންނާއި ސިފައިގެންގެ އިތުރުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކުރި މަސައްކަތުންނެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވީ، އެ އޮޕަރޭޝަނުގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ބައިވެރިވެފައިވާ ކަމަށާއި އެއީ2017 ވަނަ އަހަރު ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!