މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ދައުލަތުގެ މީޑިއާ އިން އިންތިޒާމުކުރި "ރިޔާސީ ބަހުސް" ކުއްލިގޮތަކަށް ކެންސަލް ކޮށްފިއެވެ.
މި ބަހުސް ކެންސަލް ކޮށްފައި މިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ބައިވެރި ނުވެވޭތީ، ބަހުސް ފަސްކޮށްދިނުމަށް އެދިފައިވަނިކޮށްނެވެ.
އެމްޑީޕީގެ ކެންޑިޑޭޓް، ސާލިހުގެ ކެމްޕޭން ތަރުޖަމާން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ޕީއެސްއެމް ގައި އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސް ކުރަން އެދޭކަމަށެވެ.
ސެޕްޓެމްބަރު 1 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ ބަހުސް ބޭއްވުމަށް 8 ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ގަބޫލުކޮށް ޕީއެސްއެމް އަށް އެންގުމުން ދައުލަތުގެ މީޑިއާ އިން ވަނީ ބަހުސްއަށް ވާންޖެހޭ ތައްޔާރީތައް ވެސް ވެފައެވެ.
ދައުލަތުގެ މީޑިއާއިން ނެރިއްވި ބަޔާނުގައި ވިދާޅުވީ ހުރިހައި ކެންޑިޑޭޓުން ބަހުސްގައި ބައިވެރި ނުވާނަމަ ބަހުސް ކުރިއަށް ގެންދިއުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށާއި ބަހުސްގެ ތާރީހު ބަދަލު ކުރުމަކީ ކެމްޕެއިންތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި ބަހުސް ނުބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
ކެންޑިޑޭޓުންގެ ބަހުސަކީ މިހައިތަނަށް ކޮންމެ އިންތިހާބެއްގައި ވެސް ޕީއެސްއެމް އިން ގެނެސްދޭ ބަހުސެކެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!