މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަންކަން އަވަހަށް ބަލައިދިނުމަށް އެ ޕާޓީ އިން އެދިއްޖެއެވެ.

އެ ޕާޓީ އިން މިގޮތަށް އެދިފައިވަނީ އެމްއެންޕީގެ ނައިބު ރައީސްލ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓު، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް، އީސީ އަށް ފޮނުއްވާފައިވާ ސިޓީއެއްގައެެވެ.

Ad
rt

އެ ސިޓީގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބިދިނުމަކީ ދައުލަތުގެ އިދާރާތަކުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާ ކަމެއް ކަމުގައެވެ. އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި އުމުރުން 18 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގާއި އެ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވަރުކޮށްދިނުމަކީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިންތިހާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް ނުވަތަ ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް އީސީ އަށް ލާޒިމު ކުރާކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

އުޝާމްގެ ސިޓީގައި ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ބައިވެރިވެ، ތާއީދު ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ޕާޓީން ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ.

އެހެންނަމަވެސް ބައެއް އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގާނޫނާ ހިލާފަށް ދައުލަތުގެ ރިސޯސަސްތައް ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި ބައެއް ކެންޑިޑޭޓުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ސިޓީ ކައުންސިލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެތަންތަނުގެ ވަސީލަތްތައް ކެމްޕެއިންގައި ބޭނުންކުރަމުން ދިއުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ، އިންސާފުވެރި، އިންސާފުވެރި އަދި ހަމަހަމަ އިންތިހާބެއް ބޭއްވުމަށް އެޅިފައިވާ ހުރަހެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ހަމަމިއާއެކު ވޯޓުގެ ސިއްރުކަން ގެއްލިދާނެފަދަ ބައެއް ޢަަމަލުތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ކުރަން އުޅޭކަމުގެ ޝަކުވާ އެ ޕާޓީއަށް ލިބިފައިވާ ކަމަށާއި އެގޮތުން ވަކި ކުލައެއްގެ މާކަރެއް ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ކުންފުނިތަކުން މުވައްޒަފުންނަށް މަޖުބޫރު ކުރަމުން އަންނަކަމުގެ ޝަކުވާ ވެސް އެ ޕާޓީ އަށް ލިބެމުން އަންނަކަމަށް އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދައިން އެކަން ހިނގައިފިނަމަ، ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެެހެންކަމުން އެ ޕާޓީން ހުށަހަޅާފައިވާ ކަންކަން ބަލައި، އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި، މިކަންކަމާއިމެދު މަޝްވަރާ ކުރުމަށް ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއް އަވަސްމުއްދަތެއްގެ ތެރޭގައި ބާއްވައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިލައްވާފައެވެ.