އުމުރުން އެންމެ ސޯޅަ އަހަރުގެ ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން ވިލަރެއާލް ބަލިކޮށްފިއެވެ.

ރޭ ސްޕެނިޝް ލަލީގާގައި ބާސާއާއި ވިލަރެއާލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކުރީ 4-3 ގެ ނަތީޖާއިންނެވެ.

Ad
rt

ބާސާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވަނީ ޔަމާލްއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ކުރީ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ކާޑިޒް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރާގައި ޔަމާލް ހިމެނިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 38 ދުވަހެވެ. އޭނާވެފައި ވަނީ ބާސާގެ ސީނިއާ ޓީމަށް ލީގުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ބާސާއިން ރޭ ވިލަރެއާލްއާއި ދެކޮޅަށް ނެރުނު ފުރަތަމަ އެގާރާގައި ޔަމާލް ހިމެނިއިރު ރޭ މެޗުގައި ލަނޑެއް ނުޖެހި ނަމަވެސް އޭނާ ވަނީ އެއް ލަނޑު ޖަހަން އެސިސްޓްކޮށްދީފައެވެ. އޭނާވެފައި މި ގަރުނުގައި ލަލީގާގައި އެންމެ ހަގު އުމުރުގައި ލަނޑެއްޖަހަން އެސިސްޓް ކޮށްދިން ކުޅުންތެރިޔާއަށެވެ. ރޭ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. ޔަމާލްއަކީ މިހާރު ސްޕެއިންގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގައި ހިމެނޭ މޮޅު އެޓޭކިން ކުޅުންތެރިއެކެވެ.

ރޭ މެޗުގެ ފުރަތަމަ ފަނަރަ މިނެޓުގައި ބާސާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގަވީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 15 ވަނަ މިނެޓުގައި ޖަހައިދިނީ ޑި ޔޮންއެވެ.

ނަމަވެސް ވިލަރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިލަރެއާލްގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ހުއާން ފޮއިތު ޖެހިއިރު ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖަހައިދިނީ ސޯލޯތުއެވެ.

ދެވަނަ ހާފު ފެށިތާ ފަސް މިނެޓްތެރޭ ވިލަރެއާލުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޕެޑްރާޒާގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދިނީ އެލެކްސް ބައޭނާއެވެ.

ބާސާއިން ވަނީ 68 ވަނަ މިނެޓުގައި އެ ޓީމްގެ ތިންވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓޯރޭސް އެވެ.

ބާސާ މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ޔަމާލް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ.

މި މޮޅާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ބާސާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު މިވަގުތު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.