މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗު ކޮށްފިއެވެ.

ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

Ad
rt

ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ ޒަމާނާ އެއްގޮތަށް، ކަސްޓަމަރުންގެ ބޭނުންވާފަދަ އެކަށީގެންވާ ހިދުމަތެއް ލިބެން ނެތުމާއެކު ނަގުދު ފައިސާއާއި ޗެކުފަދަ ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ އެންމެ ބޮޑު އަމާޒަކީ އީޖާދީ ހިދުމަތްތަކެއް ދެވޭނެފަދަ ސިސްޓަމެއް ތައާރަފްކޮށް އިގްތިސާދީ ކުރިއެރުމުގައި އެންމެހައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެވޭނެ މަގުތަކެއް ހުޅުވާލަ ދިނުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މި ސިސްޓަމް ފަރުމާކޮށްފައި ވަނީ ޕޭމަންޓް ހެދުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި، އެކަން ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މަޝްވަރާ އާއި ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ.

މި ސިސްޓަމުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)، ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ) އަދި އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން) އާއި އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން) ހިމެނެއެވެ.

ރޭ ލޯންޗުކުރި މި ސިސްޓަމް މިވަގުތު ބޭނުން ކުރަން ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި އެކަންޏެވެ.

އެހެން ބޭންކުތަކުން ވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރު، ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭ ކަމަށް ވެސް ވިދާޅުވެއެވެ.