އއ. ބޮޑުފޮޅުދޫ ބިން ހިއްކުމުގެ އަމަލީ މަސަައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތިގައި މި މަސައްކަތް ފެށީ އިއްޔެއެވެ. ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެއެވެ.

Ad
rt

ބޮޑުފޮޅުދޫ ބިން ހިއްކަން ބޭނުން ކުރަނީ އެމްޓީސީސީން ޗާޓަރު ކޮށްގެން ގެނެސްގެން އުޅޭ ޑްރެޖަރު “ފިލިޕޯ ބްރުނެލެސްކީ” ބޭނުންކޮށްގެންނެވެ. އެ ޑްރެޖަރު ބޭނުންކޮށްގެން އިހަވަންދުއާއި މަތިކޮމަންޑޫ އަދި އުކުޅަހުގެ ވެސް ބިން ވަނީ ހިއްކާފައެވެ.

ބިމުގެ ބޮޑުމިނުގައި 8.7 ހެކްޓަރު އޮންނަ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޮނޑޮދޮށް ހިމާޔަތްކުރުމުގެ ގޮތުން 1052 މީޓަރުގެ ރިވެޓްމަންޓާއި 180 މީޓަރުގެ ބްރޭކްވޯޓާ އަދި 110 މީޓަރުގެ ގްރޮއިން ގާއިމްކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 74.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.