ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ ތަރައްގީގެ އެޖެންޑާއަކީ ދިވެހިންނަށް އުފާވެރިކަން ގެންނާނެ އެޖެންޑާއެއް ކަމަށް ގާސިމްގެ ރަނިންމޭޓު އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ލ. ގަން ތުނޑީ އަވަށުގައި ޖޭޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައި ދޭނެ މެނިފެސްޓޯއެއް ރައްޔިތުންނަށް ހުށަހަޅާ ދީފައި ވަނީ ޖުމްހޫރީ ޕާޓީން ކަމަށެވެ. ގާސިމްގެ ތަރައްގީގެ އެޖެންޑާއަކީ މުސްތަގުބަލްގައި ދިވެހިންނަށް އުފާވެރިކަމާއި އުންމީދުގެ އިންގިލާބީ އެޖެންޑާއެއް ކަމަށް އަމީން ވިދާޅުވިއެވެ.

Ad
rt

"އެ އެޖެންޑާ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެނީ ގޯތި ގެދޮރު. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ޔަގީންކޮށް ދެނީ ތިޔަބޭފުޅުންގެ ވަޒީފާ. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ކަށަވަރުކޮށް ދެނީ ތިޔަބޭފުޅުންގެ އާއިލީ ގުޅުންތަކާއި އެއްބަނޑު އެއްބަފާ ކުލުނު. އެ އެޖެންޑާ އިން ތިޔަބޭފުޅުންނަށް ޔަގީންކޮށްދެނީ މިނިވަންކަމާއި އިސްތިގުލާލް. ދިވެހިންނާއި ދިވެހިންގެ ވަހުދަތު. އެ އެޖެންޑާ އިން ޔަގީންކޮށް ދެނީ ތި އިން ކޮންމެ ބޭފުޅެއްގެ ޖީބަށް ތަނަވަސްކަމާއި އުފާވެރިކަމާއި ހިތްހަމަޖެހުން." އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ގާސިމްގެ އެޖެންޑާ ގަބޫލު ކުރުމަށް ދިވެހި ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމަށް ވޯޓު ދެނީ ގާސިމްގެ އެޖެންޑާގެ ފުރިހަމަ ކަމުން ކަމަށް ބައެއް ރަށްރަށުން ދިމާވި ޒުވާނުން ބުނާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީންގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވީހާވެސް ގިނަ ރައްޔިތުންގެ ގާތަށް ގޮސް، ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދެއްވުމަށާއި މެނިފެސްޓޯގައި ހުރި ކަންކަމުގެ ވާހަކަތައް ތަފްސީލްކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑަށް ޔަގީން މި ހުރިހާ ކަމެއް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ހިނގައްޖެ ނަމަ، އެބޭފުޅުން މިކަން ގަބޫލުފުޅު ކުރައްވާނެ." އަމީން ވިދާޅުވިއެވެ.