މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި ސްޕެއިންގެ ޑިފެންޑަރ ލަޕޯޓް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ލަޕޯޓް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ނަސްރަށް ބަދަލުވެފައި ވަނީ 23.6 މިލިއަން ޕައުންޑްގެ ޑީލެއްގެ ދަށުންނެވެ.

Ad
rt

ލަޕޯޓް ސިޓީއަށް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކް ބިލްބާއޯއިންނެވެ. ސިޓީގައި އޭނާ ހޭދަކުރި ފަސް އަހަރާއި ބައި، މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 180 މެޗު ކުޅެ 12 ލަނޑު ޖަހައިދީފައެވެ. އަދި ސިޓީއާއިއެކު އޭނާ ވަނީ 12 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ.

ސިޓީއަށް ބަދަލުވެ އެ ޓީމްގެ ޑިފެންސްގައި ލަޕޯޓްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފާއިތު ސީޒަންގައި އޭނާއަށް ކުޅެން ފުރުޞަތު ލިބުން ވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނިމިދިޔަ ސީޒަންގައި ސިޓީގެ ސެންޓަރ ޑިފެންސްގެ ރޯލު ގިނަ މެޗުތަކުގައި އަދާކޮށްފައި ވަނީ އަކާންޖީއާއި އާކޭއެވެ. މީގެ އިތުރުން މިހާރު ކުރިއަށްމިދާ ޓްރާންސްފާ މާކެޓްގައި ސިޓީން ވަނީ އާރުބީ ލައިޕްޒިގްއަށް ކުޅެމުންއައި ކޮރޭޝިއާގެ ޑިފެންޑަރ ގްވާޑިއޯލް އެ ޓީމަށް ގެނެސްފައެވެ.

ސިޓީގެ ޑިފެންސް ބަލަހައްޓާނެ މޮޅެތި ކުޅުންތެރިން ޓީމްގައި މިވަގުތު ތިބުމާއިއެކު ކުރިއަށް އޮތްތަނުގައި އެ ޓީމްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުން ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އެއީ ލަޕޯޓް ސިޓީ ދޫކޮށްލަން މެދުވެރިވި އެއް ސަބަބެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ސައުދީ ލީގުން ވަނީ ޔޫރަޕްގެ ބޮޑެތި ޓީމްތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މިގޮތުން ހަމައެކަނި ރޮނާލްޑޯ ކުޅޭ އަލް ނަސްރުން ވަނީ ލަޕޯޓްގެ އިތުރުން މާނޭ، ބްރޮޒޮވިޗް، ޓެލެސް އަދި ފޮފާނާގެ ސޮއި ހޯދާފައެވެ.