ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި އިމާރާތަކީ އުތުރުގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަޅާ އިމާރާތެކެވެ.
ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.
މި ރަސްމިއްޔާތުގައި ޢަބްދުﷲ ޝަރީފް ވިދާޅުވީ މި އިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްގީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއްކަމަށާއި ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި އޮފީސް ވެގެންދާނީ މި ރީޖަންގެ މުހިންމު އެއް ބިނާ ކަމަށެވެ.
މީގެ އިތުރުން މި އިމާރާތުގެ މަސައްކަތްނިމި ބޭނުންކުރަން ފެށުމުން، އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
6,557 އަކަފޫޓުގެ މި އިމާރާތުގައި އޮފީސް އޭރިއާއަކާއި އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ 8.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތްފަށާ ދުވަހުން ފެށިގެން 540 ދުވަހުގެ ތެރޭގައި އިމާރާތް ނިންމަން ޖެހެއެވެ.
މިރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންނާއި މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރާއި ކައުންސިލްގެ މެމްބަރުންނާއި އެރަށުގައި ތިއްބަވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެމް.ޑީ.އެފް)، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައިލެންޑް އޭވިއޭޝަން އާއި އިމާރާތުގެ ކޮންޓްރެކްޓަރ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މާފަރުގައި ހުންނަ ދައުލަތުގެ އިދާރާތަކާއި އޮފީސްތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!