ރ. ދުވާފަރު ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނެ ކަމަށާއި ރައްޔިތުން އެދިފައިވާ ގޮތަށް އެރަށުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާލިހު ވިދާޅުވީ އެރަށަށް ވަޑައިގަތުމުން ސަލާމްކުރެއްވި ކޮންމެ ރައްޔިތަކު ވެސް އެދުނީ އެރަށުގައި އެއާޕޯޓެއް އެޅުމަށް ކަމަށެވެ.
އެހެންވެ، ރައްޔިތުންގެ އެ އެދުން ބޮލާލައި ނުޖައްސަވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ފަދައިން އެރަށުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ތަރަައްގީކޮށް އިގުތިސޯދު ދެ ގުނަ ކުރަން ކުރާ އެއް ކަމަކީ ކަނޑާއި ވައިގެ މަގުން ރަށްތައް ގުޅުވާލުން ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޖަލްސާގައި ސާލިހު ވިދާޅުުވީ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލަށް ދިއުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް އާރްޓީއެލް ބަހުގެ ޚިދުމަތް އެރަށުގައި ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ބައެއް އުޅޭ ރަށެއްކަން ފާހަގަކުރައްވައި ސާލިހު ވިދާޅުވީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، މަސްވެރިން އެދޭ ގޮތަށް ދުވާފަރުގައި މަސް ޕްރޮސެސްކޮށް މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެރަށުގައި ނުހަދާ އޮތް މަގުތައް ވެސް ހައްދަވައިދެއްވާނެ ކަމަށާއި އެރަށުގައި މިހާރު ހިއްކާފައިވާ 22 ހެކްޓަރު ބިމުގައި ފްލެޓާއި ރޯހައުސް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!