މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރ މޭސަން މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

އުމުރުން 24 އަހަރުގެ މައުންޓަށް އަނިޔާވެފައި ވަނީ ހަފްތާ މިދިޔަ ވީކް އެންޑްގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކޮށް 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވިމެޗުގައެވެ.

Ad
rt

ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި މައުންޓްގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މައުންޓަށް ދެ މެޗު ގެއްލޭނެއެވެ. އެއީ މި ހަފްތާ ބަންދުގައި ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރާ މެޗާއި އަންނަ ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު އާސެނަލްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗެވެ.

މައުންޓަށް ލިބިފައިވަނީ ކޮން އަނިޔާއެއް ކަމެއް ޔުނައިޓެޑުން ހާމަކޮށްފައި ނުވިނަމަވެސް، ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހުން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް ފަހުއެވެ.

އިންގްލެންޑްގެ ގައުމީ ޓީމްގައި ހިމެނޭ މައުންޓަށް އަނިޔާގެ ސަބަބުން އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑް ކުޅޭ ދެ މެޗު ގެއްލޭނެއެވެ. އެއީ ސްކޮޓްލެންޑާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާއި ޔޫރޯ 2024، ކޮލިފައިންގައި ޔުކްރެއިންއާއި ދެކޮޅަށް ކުޅޭ މެޗެވެ. މައުންޓް ވަނީ މިހާތަނަށް ގައުމީ ޓީމަށް 36 މެޗު ކުޅެ ފަސް ލަނޑު ޖަހައިދީފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާގައި މައުންޓް ޔުނައިޓެޑަށް ގެނެސްފައި ވަނީ ޗެލްސީންނެވެ. ޔުނައިޓެޑުން ލީގުގެ މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ ވަނީ ކުޅެފައެވެ. ނަމަވެސް ދެ މެޗުގައި ވެސް ވަނީ ވަކި ހިސާބަކުން ބަދަލުކޮށްފައެވެ.