އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުގެ އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ޕެނަލްޓީ އާސެނަލްއަށް ލިބިފައި ވަނީ ޕެލަސްގެ ކީޕަރު އާސެނަލްގެ އެންކެޓިއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

Ad
rt

ލީޑު ނަގައި އާސެނަލުން ހަމަޖެހިލާފައި ވަނިކޮށް އެ ޓީމަށް އިތުރު މަސްސަލަތަކާއި ކުރިމަތިވީ މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ޓޮމިޔާސޫއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.

ޓޮމިޔާސޫއަށް ފުރަތަމަ ރީނދޫކާޑު ދެއްކީ މެޗުގެ 60 ވަނަ މިނެޓުގައި ބޭރުވީ ބޯޅައެއް އެއްލަން ގޮސް ލަސްކުރުމާއި ގުޅިގެންނެވެ. އޭގެ ހަތްމިނެޓް ފަހުން ދެވަނަ ރީނދޫ ކާޑު ދައްކައި ރަތްކާޑު ދެއްކީ ޕެލަސްގެ ފޯވާޑް އަޔޫއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މިއީ ލީގުގައި އާސެނަލުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކޮށް ވަނީ 2-1 އިން މޮޅުވެފައެވެ. ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު އާސެނަލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. މެންޗެސްޓާ ސިޓީއަށާއި ބްރައިޓަންއަށް ވެސް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.