މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
ސްޓޯންސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ޕްރީ ސީޒަން ތެރޭގައެވެ. އޭނާއަށް ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުމުގެ ތެރެއަށް ނާދެވޭނެކަން ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ ކަށަވަރު ކޮށްދީފައެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ބްރޭކް ކުރިއަށްދާއިރު، އިންގްލެންޑުން ދެ މެޗެއް ކުޅޭނެއެވެ. އެއީ ޔޫރޯ ކޮލިފައިންގައި ޔުކްރެއިންއާއި ދެކޮޅަށް ކުޅޭ މެޗާއި ސްކޮޓްލެންޑާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. މި ދެ މެޗުގައި ވެސް ސްޓޯންސްއަށް ނުކުޅެވޭނެއެވެ.
އަނިޔާގެ ސަބަބުން މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ސިޓީ ކުޅުނު ދެ މެޗުގެ އިތުރުން ޔުއެފާ ސްޕަ ކަޕް މެޗުގައި ވެސް އޭނާ ކުޅެފައި ނުވެއެވެ.
ސިޓީން ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗުގައި ސްޓޯންއަށް ނުކުޅެވޭނެއެވެ. އެ ދެ މެޗަކީ މި މަހުގެ 27 ވަނަ ދުވަހު ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު ފުލަމްއާއި ދެކޮޅަށް ކުޅޭ މެޗެވެ.
މިވަގުތު ސިޓީގެ ޕްލޭ މޭކަރ ކެވިން ޑިބްރޭނާ ވެސް ހުރީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރިކަވާވުމަށް އޮޕަރޭޝަން ކޮށް ކުޅުމާއި ދުރުގައެވެ. އޭނާ ކުޅުމުގެ ތެރެއަށް އަންނަން އަދި ހަތަރު މަހެއްހާ ދުވަސް ހޭދަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!