ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރައްވާފައިވާ އިއުލާނުގައި ވަނީ 21 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރަށް އެ ވުޒާރާ އަށް ހާޒިރުވެ، ބީލަން ހުށަހެޅުމަށް އެދިފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 11 ޖަހާއިރު، ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވެސް ވަނީ އެދިފައެވެ.
މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އޮގަސްޓް 22، ވާ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 20، ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 1 ޖަހަންދެން އެ ވުޒާރާ އިން ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ށ. ނަލަންދޫ އަކީ މީގެ 22 އަހަރު ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް އެ ރަށް ބޭނުން ކުރަމުން އައީ ލަނޑާ ވިއްސައި އަލާކުރުމަށެވެ. ށ. އަތޮޅަށް އެކަށީގެންވާ ފައިދާއެއް ނުލިބި އެ ރަށް ދޫކޮށްފައިވާ މައްސަލަ ރައީސް ސާލިހަށް އެ ރަށުގެ ރައްޔިތުން ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގައެވެ.
އޭރު ރައީސް ވަނީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ށ. އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމަކީ އެކަން ބަދަލުކުރަން ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމެއް ކަމަށާއި ޓޫރިޒަމަށް އެ އަތޮޅުން ރަށްތަކެއް ދޫކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ހއ. މެދުފުށި ވަނީ 2021 ވަނަ އަހަރު ބޭއްވި ދުބާއީ އެކްސްޕޯގައި ވެސް އިންވެސްޓް ކުރުމަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!