ބ. ގޮއިދޫ، ފުޅަދޫ، ފެހެންދޫ (ގޮއިފުޅަފެހެންދޫ) ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައިި ފުޅަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަނީ ފުޅަދޫގައި ފްލޯޓިން ޖެޓީއެއް އަޅައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ad
rt

ކުދި އާބާދީތަކަށް ކުރީގެ ވެރިން އެއްވެސް އިސްކަމެއް ދެއްވާފައި ނުވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އަންނަ ދައުރުގައި އެމަނިކުފާނު ވެރިކަމުގައި ހުންނަވާނަމަ ގޮއިދޫ ފުޅަދޫ ފެހެންދޫ ފަޅުގައި ރިސޯޓެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުޅަދޫގައި އިންޑޯ ވޮލީ ކޯޓަކާއި ކޮމިއުނިޓީ ސެންޓަރަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްދެއްވާ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ފުޅަދޫއާއި، ފެހެންދޫ އަދި ގޮއިދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.

އެގޮތުން ފުޅަދޫ އާއި ފެހެންދޫގެ ބަނދަރާއި، ފުޅަދޫ އިންޖީނުގެއާ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާފައި ވެއެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 68.3 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 538 ކިލޯވޮޓްއެވެ. ފުޅަދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔައިރު، މި މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 57.7 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

މީގެ އިތުރުން ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްކޭޓް ޕާކާއި، ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ރައީސް ސާލިހު ވަނީ ފާހަގަކޮށްދެއްވާފައެވެ.

އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ހަވާލުކޮށްގެން ކޮށްފައިވާއިރު، މި މަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޮއިދޫގައި ތަރައްގީކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ޙަވާލުކޮށްގެނެވެ. އެރަށުގައި ގާއިމްކޮށްފައިވާ ސްކޭޓް ޕާކް ތަރައްގީކުރުމުގެ މަޝްރޫއު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ.

ސްކޭޓް ކުރުމަކީ ގޮއިދޫގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.