އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އަހްމަދު މޫސާ މެދުނުކެނޑި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރައްވާފައިވާއިރު، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓުގައި މަސައްކަތްކުރައްވައި، ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިޔާވި، އަހްމަދު މޫސާ އަށް ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް އާއި ފުލުހުންގެ މެޑަލް އާއި އަޚުލާޤީ ކުލަ 1، ފުލުހުންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އިޚުލާޞްތެރި ޚިދުމަތުގެ ކުލަ އާއި ހުނަރުވެރިކަމުގެ ކުލަ އާއި މިނިވަން ފަންސާހުގެ މެޑަލްގެ އިތުރުން ޖުމްހޫރީ ފަންސާހުގެ މެޑަލް ވެސް ވަނީ އޭނާ އަށް ލިބިލައްވާފައެވެ.
އުމުރުން 48 އަހަރުގައި އޭނާ ނިޔާވިއިރު، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟުރަތު ގައި ވަނީ ދުޢާ ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!