ސްޕެނިޝް ލަލީގާއި ރޭ ޗެމްޕިއަން ބާސެލޯނާއާއި ކާޑިޒް ބައްދަލުކުރި މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ. މި މެޗުން ބާސާ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިއީ މި ސީޒަންގައި ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބާސާ ރަށުން ބޭރުގައި ކުޅެފައި ވަނީ ގެޓާފޭއާއި ދެކޮޅަށެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި ދެ މެޗުގައި ވެސް ބާސާ ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ.
ބާސާގެ ކޯޗް ޒަވީ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި އުމުރުން 16 އަހަރުގެ ލެމިން ޔަމާލް ހިމަނާފައެވެ. އޭނާވެފައި ވަނީ ބާސާގެ ސީނިއާ ޓީމަށް ލީގުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އޭނާ މި މެޗު ކުޅުނު އިރު އުމުރަކީ 16 އަހަރާއި 38 ދުވަހެވެ.
މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ކާޑިޒް ކޮޅަށް ލަނޑު ޖެހުމުގައި ބާސާއަށް ވަނީ ގޮނެޖެހުންތަކެއް ކުރިމަތިވެފައެވެ. ބާސާއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ގުންޑޮގަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އުތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭސް އެވެ.
ލީގުގައި ދެން ބާސާ ރަށުން ބޭރުގައި ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ވިޔަރެއާލްއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!