ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މާލީ ބާރުވެރިކަންލިބޭ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު، 76 މެމްބަރުން ވޯޓާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުން ބިލަށް ގެނައި އިސްލާހު ތަކުގައި ވާގޮތުން އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިދެވެ އެވެ.

އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާޙު ނުކޮށްފި ނަމަ ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ބިލުން ވަނީ އެލްޖީއޭއަށް ދީފަ އެވެ. މިހާރު ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް އަޅާ ފިޔަވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

އޭގެ އިތުރުން ވެސް ކޮންމެ ރަށެއްގައިވެސް އެންމެ މަދުވެގެން ފަސް ކައުންސިލަރުން ބައިތިއްބަން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ.

މިހާރު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

ރައީސް ސޯލިހު މި ބިލު ތަސްދީގު ކުރެއްވީ "ވިޔަވަތި ރާއްޖެ" ގެ ނަމުގައި ކައުންސިލަރުންނަށް ކާއްސަކޮށްގެން ކްރޮސް ރޯޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދާ މަހާސިންތަގެ ތެރެއިންނެވެ.

ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅި، ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކުރެވި، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.