ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ލީމް އިބްރާހިމް ހަފީޒް އާއި މައުސާ އާދަމް ހޮވިއްޖެއެވެ.
އެ ދެ ދަރިވަރުން އެ މަގާމަށް ހޮވުނުކަން އިއުލާންކޮށްފައިވަނީ އެ މަރުކަޒުގެ 2022،2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ގައެވެ.
ރޭ ބޭއްވި މި ޖަލްސާގައި އޯލެވެލްގެ ހުރިހައި ގޮތަކުން އެއްވަނަ ހޯދި ލީމް، ގައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައިވައިރު، އޭލެވެލްގެ އެންމެ މޮޅު ދަރިވަކަށް ހޮވުނު މައުސާ ވަނީ ގައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.
ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ، އެހެން ދަރިވަރުންނަށް ނަމޫނާ ދައްކަމުން އަންނަ ލީމް ވަނީ ޔާގޫތު ހައުސްގެ ވައިސް ކެޕްޓަން ކަންވެސް ކޮށްފައެވެ. އަދި 2022،2021 ވަނަ އަހަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަން ވެސް އޭނާ ވަނީ އަދާކޮށްފައެވެ.
ލީމް ވަނީ އޯލެވެލް އިމްތިހާނުން ފަސް މައްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ އަދި، އެއް މާއްދާއިން ސީ ހޯދާފައެވެ.

ކްލާސް ޓޮޕް ފަހެއްގެ އެއްވަނަ ހޯދާފައިވާ މައުސާ ވަނީ އޭލެވެލްގެ ހަތަރު މާއްދާއިން އޭ އަދި އެއް މާއްދާ އިން ބީ ހޯދާފައެވެ.
މި ދެ ދަރިވަރުންނަށް އެ އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ފައިސާގެ އިނާމެއް ދީފައެވެ. އަދި ބީއެމްއެލްއިން ވެސް އެ ދެ ދަރިވަރުންނަށް ވަނީ ގިފްޓް ކާޑެއް ދީފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވެސް ވަނީ އެ ދެ ދަރިވަރުންނަށް ފައިސާގެ އިނާމެއް ދީފައެވެ. އަދި ރައީސް އާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އިނާމު ދީފައެވެ.
އެ ޖަލްސާގައި 72 ދަރިވަރަކަށް ވަނީ ޖުމްލަ 128 އިނާމު ދީފައެވެ.
އެ ޖަލްސާގެ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!