އެމެރިކާ އާއި މެކްސިކޯގެ ޓީމުތަކުގެ މެދުގައި ކުޅޭ ލީގްސް ކަޕްގެ ފައިނަލުގައި ނަޝްވިލް އެސްސީ ބަލިކޮށް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މަޔާމީން ނަޝްވިލްގެ މައްޗަށް ކުރި ހޯދީ 9-10 އިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މަޔާމީންނެވެ. އެ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެސީއެވެ. މެސީ މަޔާމީއަށް މިހާތަނަށް ކުޅެނު ހަތް މެޗުގައި ވަނީ ލަނޑު ޖަހާފައެވެ. ހަތް މެޗުގައި ޖުމްލަ ދިހަ ލަނޑު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ. ނަޝްވިލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މަޔާމީގެ ކަލެންޑާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވިފައި ވަނީ ހަތަރު ޕެނަލްޓީއެވެ. މެސީގެ އިތުރުން ދާދި ފަހުން ބާސާ ދޫކޮށް މަޔާމީއަށް ބަދަލުވި ބަސްކެޓާއި ޖޯޑީ އަލަބާ ވެސް ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފައެވެ. ނަތީޖާ ނެރުމަށް އިތުރު ޕެނަލްޓީ ޖަހަނެ ޖެހުނުއިރު ދެ ޓީމްގެ ކީޕަރުން ވެސް ޕެނަލްޓީ ޖަހަން ޖެހުނެވެ. ނަޝްވިލްގެ ކީޕަރު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީއިރު މަޔާމީގެ ކީޕަރު ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބު ވެފައެވެ.

މިއީ އިންޓަ މަޔާމީގެ ތާރީޚުގައި ވެސް އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މެސީ ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މީގެ އިތުރުން މި ތައްޓާއިއެކު މެސީ ވެފައި ވަނީ ކެރިއާގައި އެންމެ ގިނަ ތަށި ކާމިޔާބު ކުޅުންތެރިޔާއަށެވެ. އޭނާ ކެރިއާގައި މިއީ ކާމިޔާބުކުރި 44 ވަނަ ތައްޓެވެ. މެސީއާއި އެންމެ ގާޓުން ވާދަކުރަނީ 43 ތަށި ކާމިޔާބުކުރި ބްރެޒިލްގެ ޑިފެންޑަރ ޑެނީ އަލަވޭސް އެވެ.