ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ މަސައްކަތްތެރީންގެ ހައްގުތަކަށް މަސައްކަތްކުރަމުން ދާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމް.އެޗް.ޕީ.ޔޫ) އިން، މިއަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޑިމާންޑުތަކެއް ނެރެފިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ޓެގުކޮށް "އެމް.އެޗް.ޕީ.ޔޫ.ގެ ޑިމާންޑުތައް- ރިޔާސީ އިންތިޚާބު 2023" ގެ ނަމުގައި 10 ޑިމާންޑެއް އެ ޔޫނިއަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޕޯސްޓްކޮށްފައިވާއިރު އެ ދާއިރާ ހަރުދަނާކުރުމަށާއި އެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތަކާ ގުޅުންހުރި ޑިމާންޑުތައް ހިމެނެއެވެ.
އެގޮތުން މި އަހަރުގެ މޭ މަހު ސިއްހީދާއިރާގެ މުސާރަތަށް ބޮޑުކުރުމަށް ސަރުކާރުން އިއުލާނުކުރި އެ ދާއިރާގެ އައު އޮނިގަނޑުތަކުގައި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސަޕޯޓްކެޓަގަރީގެ މަސައްކަތްތެރިން ހިމެނިފައިނުވާތީ، އެ މަސައްކަތްތެރީންނަށް ވެސް ވަޒީފާގެ ކުރިއެރުމާއި އެކަށީގެންވާ މުސާރައެއް ލިބިދެވޭނެ ވަޒީފާގެ އޮނިގަނޑުތަކެއް ތަންފީޒުކުރުމަށް ގޮވާލާފައިވެއެވެ. އަދި އައު އޮނިގަނޑުގެ ދަށުން ސިއްހީދާއިރާގެ މަސައްކަތްތެރީންގެ އިތުރުގަޑީގެ އެލަވަންސް ހިފަހައްޓާފައި ވީނަމަވެސް، އިތުރުގަޑީގައި މަސައްކަތްކުރުވަމުން ގެންދާތީ، ވަޒީފާއާ ބެހޭ ޤާނޫނާއެއްގޮތްވާ ގޮތުގެ މަތީން އިތުރުގަޑީގެ އެލަވަންސް ހަމައަށް ދިނުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ސިއްހީދާއިރާއަކީ ގިނަ އަދަދެއްގެ އަންހެނުން މަސައްކަތްކުރަމުންދާ ދާއިރާއަކަށްވާތީ ހޮސްޕިޓަލްތަކުގައި ކައިލްކެއަރ ފެސިލިޓީތައް ޤާއިމުކޮށްދިނުމުގެ އިތުރުން، ރައްކާތެރި ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުމަށްޓަކައި، ޑަބްލިއު.އެޗް.އޯ. ބުނާ މިންގަނޑަށް ހޮސްޕިޓަލްތަކަށް މުވައްޒަފުންނާއި ސިއްހީ އާލާތްތައް ހަމަކޮށްދިނުމަށް ގޮވާލާފައިވެއެވެ.

ސިއްހީދާއިރާއަކީ ހަރުދަނާ އަދި ދެފުށްފެންނަ ދާއިރާއަށް ހެދުމަށްޓަކައި، ހޮސްޕިޓަލްތަކަށް އައްޔަނުކުރަމުންދާ ސިޔާސީ ބޭފުޅުން ހޮސްޕިޓަލްތަކުންދޭ ސިއްހީ ފަރުވާއަށް ނުފޫޒުފޯރުވާ ފޯރުވުން ހުއްޓުވާލުމަށާއި، މެޑިކަލް ޕްރޮކިއުމަންޓް ނިޒާމު ވެސް ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަށް ހެލްތު ފައިނޭންސިންގެ އެކައުންޓަބިލިޓީ އަދި ޓްރާންސްޕޭރެންސީ ނިޒާމު ހަރުދަނާކުރުމަށް ގޮވާލާފައިވާކަންވެސް ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން މި ސަރުކާރުން ވެސް ހޮސްޕިޓަލްތަކަށާއި ކުދިކުދި ސިއްހީ މަރުކަޒުތަކަށް ވެސް ސިޔާސީ ބޭފުޅުން އައްޔަނުކުރަމުންދާކަން ފާހަގަކުރެވެއެވެ.
ސިއްހީދާއިރާގެ ފެންވަރު މަތިކުރުމަށްޓަކައި ކޮށްފައިވާ ޑިމާންޑުތަކަށް ބަލައިލާއިރު، ސިއްހީދާއިރާގެ ފަންނީ މަގާމުތަކަކީ އެންމެ ދަށްވެގެން ބެޗެލަސް ޑިގްރީ ފެންވަރުގެ މަގާމުތަކަކަށް ހެދުމަށާއި، ފަންނީ ތަޢުލީމާއި ތަމުރީނުތައް ހަމަހަމަކަމާއެކު ހުރިހާ މަސައްކަތްތެރީންނަށް ލިބޭނޭ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން ސިއްހީދާއިރާ ފަދަ ދިވެހީން އިތުރަށް ބޭނުންވާ ދާއިރާތަކަށް ޒުވާނުން ޝައުޣުވެރިކުރުވުމަށާއި އެ ދާއިރާތަކުގައި ދިވެހީންގެ އަދަދު އިތުރުކުރުމަށް ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކާއި ފަންނުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ޚަރަދުގައި މަތީ ތަޢުލީމު ހާސިލްކުރުމަށް އިސްކަންދޭ ދާއިރާތަކެއް ކަނޑައެޅުމަށް ވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ޓެކްސްގެ ނިޒާމު އިތުރަށް މުރާޖާކޮށް ޕްރޮގްރެސިވް ޓެކްސްގެ ނިޒާމަކަށް ބަދަލުކުރުމަށް ވެސް އެ ޔޫނިއަންއިން ވަނީ ޑިމާންޑުކޮށްފައެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން ފާހަގަކުރެވެނީ ސިއްހީދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޔޫނިއަންއެއްގެ ގޮތުގައެވެ.
#MHPU_Demands23 (10/10)
Demanding for a tax reform and to establish a progressive tax system.
ޓެކްސްގެ ނިޒާމު ރިފޯމްކޮށް ޕްރޮގްރެސިވް ޓެކްސްގެ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލަން.@UmarNaseerMV @zameelhassan @ibusolih @Mmuizzu @gasimibrahim @afarismaumoon @ilyas_labeeb… pic.twitter.com/F5LBzmbbit
— Maldives Health Professionals Union (MHPU) (@MaldivesHPU) August 18, 2023
އެގޮތުން ސިއްހީދާއިރާގެ ފަންނީ އޮނިގަނޑުތައް އެކުލަވާލައި، ތަންފީޒުކުރުމަށް ގޮވާލާ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ އަހަރުތަކުގައި އެޔޫނިއަންއިން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.