ވ. އާރަށް މައްސަލާގައި ފުލުހުންގެ ތަހުގީގުގައި ހަނު ހުންނެވީ ފުލުހުންގެ ފަރާތުން ކުރިމަތިވި ފުރައްސާރައިގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

Ad
rt

ޔާމީންގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އާރަށު މައްސަލައާއި ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެންމެ ފުރަތަމަ ފުލުހުންނަށް އެއްބާރުލުން ދެއްވަމުން ގެންދެވި ކަމަށެވެ.

"އިރުކޮޅުކޮޅާ ބަޔާން ބަދަލުކޮށްފައި އިތުރު ސުވާލުކުރަން ފުލުހުން އަޅުގަނޑު ހާޒިރުކުރާތީ އަޅުގަނޑު ދެން ދެންނެވިން، މިހާރު ތި ކުރަނީ ހެރޭސް އޭ، އެހެންވެގެން ދެން އަޅުގަނޑު ދެންނެވީ އިތުރަށް ޖަވާބުދާރީވާނީ ޝަރީއަތުގައި،" ޔާމީން ކިޔައިދެއްވި އެވެ.

ފުލުހަށް ހާޒިރުކޮށް އެ ދެ މައްސަލައިގައި ވެސް ސުވާލުކުރަމުން ދިޔަ ދުވަސްވަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީން ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރުކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

"އެހާ ވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި އެއީ،" އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު ޔާމީން ވިދާޅުވި އެވެ.

އެ ގޮތުން ޔާމީނަށް ލިބުނު ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާއެއް ކަމަށް ޝަރީއަތުގައި ބުނުމުގެ ކުރިން ކެމްޕެއިނަށް ޔޫސުފް ނައީމްގެ ފަރާތުން ލިބުނު ފައިސާ ކަމަށް ވިދާޅުވެ އެމަނިކުފާނު ބޭންކަށް ފޮނުވި ސިޓީއަކާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ އެވެ. ދެން އޮންނާނީ ދައުލަތުން ޖަވާބުދާރީވުމެވެ