ޗެލްސީއަށް ކުޅެމުންއައި މޮރޮކޯގެ ވިންގަރ ހަކީމް ޒިޔެޗް ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޒިޔެޗް ހޯދުމަށް ސައުދީ ލީގުގެ އަލް ނަސްރުންނާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ވެސް ޝަޢުޤުވެރިކަން ފާޅުކުރިއެވެ.

Ad
rt

މިދިޔަ އަހަރުގެ މޭމަހު އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ޗެލްސީ ގަތުމަށް ފަހު އެ ޓީމަށް ގިނަ އައު ކުޅުންތެރިންތަކެއް ހޯދުމާއިއެކު، ފޯމު ދަށް ވެފައިވާ ޒިޔެޗްގެ މުހިންމުކަން ޗެލްސީއަށް ވަނީ ކުޑަވެފައެވެ. ސީޒަން ފެށުމުގެ ކުރިން ޗެލްސީގެ ކޯޗްކަމާއި ހަވާލުވި ޕޮޗެޓީނޯގެ ޕްލޭންގައި ޒިޔެޗް ނުހިމެނޭތީ ޗެލްސީން ބޭނުންވަނީ އޭނާ ވިއްކާލާށެވެ.

ޗެލްސީން އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއަށް ކުރި ދަތުރުގައި ޒިޔެޗް ބައިވެރިވެފައި ނުވެއެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗަށް ޗެލްސީން ނެގި ޓީމުގައި ވެސް ޒިޔެޗް ނުހިމަނައެވެ.

ޒިޔެޗް ޗެލްސީއާއި ގުޅިފައި 2020 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސް އިންނެވެ. އޭނާ ވަނީ ޖެހިގެން އައި އަހަރު ޗެލްސީއާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އެއީ އޭނާ ޗެލްސީގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އޭނާ ވަނީ ޗެލްސީއަށް 107 މެޗު ކުޅެދީފައެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މޮރޮކޯ ވާދަކުރިއިރު، އެ ޓީމްގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.