ހައްދުންމަތީ މާވަށުގައި 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދެވެ.
މި މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ 5.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.
މަސްވެރިންނަށް ފަސޭހައިން އަވަސްކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މީގެ އެންމެ ބޮޑު ބޭނުމަކީ އައިސް ހޯދަން ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް ގެނައުންކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!