މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާއަށް އަނިޔާވެ ހަތަރު މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމުގައި ސިޓީން ހާމަ ކޮށްފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ލީގުގައި ސިޓީން ބާންލީއާއި ބައްދަލުކޮށް މޮޅުވި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޑި ބްރޭނާ ވަނީ ކުޅެފައެވެ. ނަމަވެސް އޭނާގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެ ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ.
އުމުރުން 32 އަހަރުގެ ޑި ބްރޭނާއަށް އަންނަނީ ފަހަކަށް އައިސް ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުގެ މައްސަލަ ކުރިމަތިވަމުންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފަލަމަސްގަނޑަށް އައިނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ ސަބަބުން ސިޓީގެ ޕްރީ ސީޒަން މެޗުތަކުގައި އޭނާ ބައިވެރިނުވެއެވެ.
އަނިޔާއިން ސަލާމަތްވެ ސީޒަން ހުޅުވުމުގެ ގޮތުން އާސެނަލްއާއި ދެކޮޅަށް ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޑި ބްރޭނާ ވަނީ ކުޅެފައެވެ.
ޑި ބްރޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ ރަނގަޅު ކުރުމަށް އޮޕަރޭޝަން ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ސިޓީން ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާނެއެވެ. އޭނާ އޮޕަރޭޝަން ކުރަން ނުޖެހުނު ކަމުގައި ވިޔަސް ތިން މަސް ނުވަތަ ހަތަރު މަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.
ފާއިތުވި ސީޒަންގައި ސިޓީން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބުކުރި އިރު އެ ޓީމްގެ މެދުތެރޭ އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ޑި ބްރޭނާއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ސިޓީއަށް 10 ލަނޑު ޖަހައިދީ 31 ލަނޑު ޖަހަން އެހީވެދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!