ބްރައިޓަންއަށް ކުޅެމުންއައި އިކުއެޑޯގެ ޒުވާން މިޑްފީލްޑަރ މޮއިސެސް ކައެސޭޑޯ ޗެލްސީއަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ކައެސޭޑޯ ޗެލްސީއާއި ގުޅިފައިމިވަނީ އަށް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އޭނާ ހޯދުމަށް 115 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

Ad
rt

ފާއިތުވި ސީޒަންގައި ބްރައިޓަން މެދުތެރޭ މޮޅު ކުޅުމެއް ދެއްކި ކައެސޭޑޯ ހޯދުމަށް ލިވަޕޫލުން ވެސް ވަނީ ބޮޑު ބިޑެއް ހުށަހަޅައި އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް އޮތީ ނުވެފައެވެ.

ޗެލްސީއާއި ގުޅުމަށް ފަހު މިޑިއާއާއި ވާހަކަ ދައްކަމުން ކައެސޭޑޯ ބުނީ އޭނާ ބޭނުން ވަނީ ޗެލްސީއާއި ގުޅެން ކަމަށާއި، ޗެލްސީން އޭނާއަށް ކޮންޓެކްޓް ކުރުމުން އެކަމާއިމެދު ގޮތެއް ނިންމަން އިތުރު ވިސްނުމަކަށް ދާން ނުޖެހޭ ކަމަށެވެ. ޗެލްސީއާއި ގުޅުމަކީ ހުވަފެން ހަގީގަތަކަށް ވުންކަމަށާއި ޓީމާއިއެކު ކުރިއަށްދާން ކެތްމަދުވެފައި ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ.

ކައެސޭޑޯ ބްރައިޓަންއަށް ގެނެސްފައިވަނީ 2021 ވަނަ އަހަރު އިކުއެޑޯގެ އިންޑިޕެންޑިއެންޓޭ އިންނެވެ. ބްރައިޓަންއިން އޭނާގެ ސޮއި ހޯދީ އެންމެ ހަތަރު މިލިއަން ޕައުންޑަށެވެ.

ކައެސޭޑޯއަކީ މިހާރު އިކުއެޑޯގެ ގައުމީ ޓީމްގެ މިޑްފީލްޑްގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. 2020 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެންފެށި ކައެސޭޑޯ މިހާތަނަށް ވަނީ 32 މެޗު ކުޅެ ތިން ލަނޑު ޖަހާފައެވެ.

2022 ވަނަ އަހަރުގެ މެއި މަހު އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ޗެލްސީ ގަތްފަހުން ފާއިތުވީ ކުރު މުއްދަތުގައި ޗެލްސީއަށް ކުޅުންތެރިން ގަތުމަށް ވަނީ 900 މިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. ކައެސޭޑޯއަކީ މި މުއްދަތުގައި ޗެލްސީއަށް ގެނައި 22 ވަނަ ކުޅުންތެރިޔާއެވެ.