ހއ. ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
އޭނާ މިހެން ވިދާޅުވީި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަގަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށާއި އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ދިއްދޫގައި އެއަރޕޯޓެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއްނަމަ އެންމެ އުފާވާނީ ރައްޔިތުން ފުދުންތެރިކަމާއެކު އުޅޭތަން ފެނުމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރަކަށް އައިސް ކުންފުނިތަކުން މަޝްރޫޢުތައް ނުފަށަނީސް ސިޔާސީ އެކި ބޭނުންތަކަށް ޒުވާނުންނަށް ވަޒީފާ ދެމުން ގެންދާތަން ފެންނަކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ސީދާ ކެމްޕެއިނަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ހައްލު ގެންނާނެގޮތާއި އެކަން ކޮށްދެއްވާނެ ގޮތުގެ ތަސައްވުރު ހާމަކުރައްވާ ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެންމެ އިސްކަންދޭނެ އެއް ސިއްޔާތަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ. އަދި އެސިޔާސަތުގެ ދަށުން ބޯހިޔާ ވަހިކަމަށް ބޭނުންވާ ހުރިހައި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އޭނާ އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރި ކަމަށް ފަހު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!