ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓް ސަރުކާރުން ރޭ އިޢުލާނު ކުރައްވައިފިއެވެ.

މި ލިސްޓް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައި ވާއިރު، ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވަނީ، "ބިންވެރިޔާ ސްކީމް" ގެ ދާއިމީ ލީސްޓް އެކުލަވާލި ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ad
rt

ސަރުކާރުން ރޭ ހާމަކުރެއްވި ގޮތުގައި ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މި ހަފްތާ ތެރޭގައި ގުރުއަތު ނެގުމަށް ވަނީ ހަމަޖަހިފައެވެ. ގުރުއަތު ނެގުމަށްފަހު ހުޅުމާލެއިންނާއި ގުޅީފަޅުން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފެށިގެން ދާނެއެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ރޭ އިޢުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.