މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ ގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. މަކުނުދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މަކުނުދޫގެ ސިއްހީ ނިޒާމަށް އަލިއަޅުވައިލައްވާ މުއިއްޒު ވިދާޅުވީ އެހެން ރަށްރަށާ ދުރުގައި ވަކިން އޮތް މަކުނުދޫގައި އޮންނަން ވާނީ ކޮޅަށް ތެދުވެފައި އޮތް ސިއްހީ ނިޒާމެއް ކަމަށެވެ.
އެގޮތުން އެކްސްރޭ ނެގުމާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ވިހެއުމަށް ބޭނުންވާ ކްލިނިކް ފެސިލިޓީ އަކީ ސިއްހީ މަރުކަޒަށް ބޭނުންވާނެ އަސާސީ ކަންކަން ކަމަށާއި މަކުނުދޫގެ ރައްޔިތުން މި ހިދުމަތްތައް ހޯދަން ދުރަށް ދާންޖެހުމަކީ އަދުލުވެރިކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން މަކުނުދޫގައި ގާއިމް ކުރަމުންދާ އެއާޕޯޓުގެ މަސައްކަތަށް އަލި އަލުއްވާލައްވާ ވިދާޅުވީ ތިމާވެށީގެ ގޮތުން އެރަށަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ރަށުގެ ރައްޔިތުން ބުނާ ކަމަށެވެ. އަދި އެރަށުގެ ފަޅަށް ލިބޭނެ ގެއްލުން އެ ރަށުގެ ރައްޔިތުން ނޫން ބަޔަކަށް ނޭނގޭނެ ކަމަށާއި އިހްލާސްތެރިކަމާއެކު މަކުނުދޫގެ ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއު ބަދަލުކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މަކުނުދޫ އަކީ ބިމުގެ ދަތިކަން އޮތް ރަށެއް ކަން ފާހަގަ ކުރައްވާ ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބިން ހިއްކާއިރު، އެ މަޝްރޫއުތަކާއި ގުޅުވައިގެން އެރަށަކަށް ބޭނުންވާ ބިން ހިއްކުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ.
ބިން ހިއްކުމަކީ ވަރަށް ހަރަދު ބޮޑުވާނެ ކަމެއް ކަމަށާއި އެހެނަސް ބިން ހިއްކުމަށް ބޭނުންކުރާ ވެހިކަލްތައް އެ ރަށަކަށް ގެންގޮސް މަޝްރޫއު ހިންގާ އިރު، އެ ވެހިކަލްތައް ބޭނުންކޮށްގެން އެހެން މަޝްރޫއުތަކަށް ވެސް ބިން ހިއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ގައުމުގެ އިގްތިސާދަށް ވިސްނައިގެން ކަންކަން ކުރާ ނަމަ، ހަރަދު ކުޑަކޮށް މަސައްކަތް ހިންގޭނެ ގޮތްތަކެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެއާޕޯޓު މަޝްރޫއު ބަދަލު ގެނެސްގެން ކުރިއަށް ގެންދާ އިރު، އެއާއި ގުޅުވައިގެން ގޯތީގެ ދަތިކަމަށް ހައްލު ގެނައުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!