ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ފެށުމަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

Ad
rt

ޝައިނީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މިރޭ ވަނީ އެ ޕާޓީ އަށް ސޮއި ކުރައްވާފައެވެ. އަދި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ، ރައިސް ވަހީދުގެ ދަރިކަލުން ޖެފްރީ ވަހީދުގެ ވެސް މިރޭ ޖޭޕީއަށް ސޮއި ކުރެއްވިއެވެ.

ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން ހަމަޖައްސަވައި، ޤާސިމް ފައްޓަވާފައިވާ ރިޔާސީ ކެމްޕޭނާ އެކު ޖޭޕީ އަށް މިފަހުން ވަނީ އިތުރު ސިޔާސީ ބަރުދަންހުރި މޫނުތަކެއް ގުޅިފައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް ރައީސް ކަމާއި ދައުލަތާއި ސަރުކާރުގެ ގިނަ މަގާމް ތަކެއް ފުރުއްވި މުހައްމަދު ޝިހާބާއި، މަޖިލިސްގެ ނައިބު ރައީސް ކަމާއި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު ނާޒިމް ހިމެނެއެވެ.

މިރޭ ޖޭޕީން މާމިގިލީގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.