އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ފޮރެސްޓްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ކައިރި ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އެޑީ އެންކެޓިއާއެވެ.
އާސެނަލްގެ ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ސަލީބާ ދިން ބޯޅައެއް ހިފައިގެން ގޮސް ފޮރެސްޓްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ބުކަޔޯ ސަކާއެވެ.
ފޮރެސްޓުން ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައެވެ. މި ލަނޑު އެލަންގާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޓައިވޯ އަވޮނިޔީއެވެ.
އާސެނަލަށް މިދިޔަ ސީޒަންގެ ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމުން ވަނީ ލީގުގެ އެއްވަނާގައި 248 ދުވަހު އޮވެފައެވެ. ލީގުގެ ފަހު މެޗުތަކުގެ ނަތީޖާދަށްވެ އެ ޓީމް އަތުން ލީގު ގެއްލުނު ނަމަވެސް މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޝީލްޑް މެޗުގައި ރަނގަޅަށް ކުޅެ ވަނީ ސިޓީ ބަލިކޮށްފައެވެ. އެއަށްފަހު މިރޭ މެޗުގައި އާސެނަލުން މިވަނީ އެ ޓީމްއޮތީ މި އަހަރު ވެސް ރަނގަޅު ހާލަތުގައި ކަން ސާބިތު ކޮށްދީފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތައްކަށް ބަލައިލާއިރު، ނިއުކާސަލުން ވަނީ އަމިއްލަ ދަނޑުގައި 5-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ބްރައިޓަން ވެސް ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއިން ލުޓޮން ޓައުން ބަލިކޮށްފައެވެ. ބޯންމައުތާއި ވެސްޓެހޭމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުލަމް ވަނީ ރަށުން ބޭރުގައި އެވަޓަން އަތުން 1-0 އިން މޮޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!