ނ. އަތޮޅުގެ ތިން ރަށެއްގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި އެވެ.
މި މަޝްރޫޢުތައް ނިމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވާފައިވަނީ، ރައީސުް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން އެއަތޮޅު، ހެނބަދޫ، މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީ ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ. މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.
އެތިން ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އާއެވެ. މިގޮތުން މިމަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ކުޑަފަރީ، ފުޓުބޯޅަ ދަނޑުގައި ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ. އެދަނޑުގެ މަސައްކަތްކޮށްފައި ވަނީ، ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކުރައްވައިގެންނެވެ. އަދި ހެނބަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް މިއަދު ފާހަގަކޮށްފައި ވާއިރު އެމަޝްރޫޢުގެ ދަށުން 235 މީޓަރުގެ ރިވެޓްމެންޓާއި، 25 މީޓަރުގެ ގްރޮއިން ވަނީ ޖަހާފައެވެ.
މީގެ އިތުރުން ރައީސް ވަނީ މިޒަމާނާއި ގުޅޭ ގޮތަށް ހަދާފައިވާ ބަނދަރެއް ހެނބަދޫ ގައި ހުޅުވައިދެއްވާފަ އެވެ. ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވަނީ، ނެރު ބައްތިއާ ބަނދަރުބައްތި ޖަހައި، ޕޭވްމަންޓް ހަދާފައެވެ. ހެނބަދޫގެ ބަނދަރާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެނެވެ.
މީގެ އިތުރުން އެރަށު ފެނަކަ އައު އޮފީސް އިމާރާތްވެސް ވަނީ ނިންމާ ހުޅުވައިދެއްވާފަ އެވެ. އެ އޮފީހަކީ ދަތިނުވެ 15މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ498 ކިލޯވޮޓްއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!