މަސްވެރި އުޅަނދުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީއެލްޑީ) ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި މިހައިތަނަށް 318 އުޅަނދެއްގައި އެ ސިސްޓަމް ހަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ވީއެލްޑީ ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން އޫރިދޫ މޯލްޑިވްސް މެދުވެރިކޮށް، އެ މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.
މިގޮތުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ 534 އުޅަނދުގެ ތެރެއިން 318 އުޅަނދަކުން މިހާރު ވަނީ ވީ.އެލް.ޑީ ހަރުކޮށްފައި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުމަހުގެ މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށްޓަކައި އުޅަނދުފަހަރުގައި ވީ.އެލް.ޑީ ހަރުކޮށް ވެސެލް ޓްރެކިންގ ނިޒާމެއް ގާއިމްކޮށް ހިންގުމަށް ރާއްޖޭގެ މައްޗަށް ލާޒިމުވެއެވެ. އަދި މަތީ އަގުލިބޭ ޔޫރަޕިއަން ޔޫނިއަން ފަދަ ބޭރުގެ ބާޒާރުތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމަށްޓަކައި ވެސް މިއީ ކުރަންޖެހިފައިވާ ކަމެކެވެ.
ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމަށް ލައިސަންސް ނަގާފައިވާ، ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދެއްގައި ވީއެލްޑީ ހަރުކުރަންޖެހެއެވެ. ނަމަވެސް، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ މި ދިގުމިނުގެ އުޅަނދުތަކުގެ ތެރެއިން 90 އުޅަނދެއްގައި، އެކިއެކި ސަބަބުތަކަށްޓަކައި މިއަދާއި ހަމައަށް ވީ.އެލް.ޑީ ހަރުކޮށްފައިނުވާތީ، 30 އޮކްޓޫބަރު 2023 ގެ ކުރިން، ވީ.އެލް.ޑީ އެ މިނިސްޓްރީން ވަނީ އިރުޝާދު ވެސް ދީފައެވެ.
ނަމަވެސް މި މުއްދަތުގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބައެއް އޮޑިވެރިން ފާހަގަކޮށް، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެހެންކަމުން، ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުފަހަރުގެ ތެރެއިން އެއްވެސް އުޅަނދަކަށް 30 އޮކްޓޫބަރު 2023 ގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ، އެކަން، އުޅަނދުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރާއެކު، މިނިސްޓްރީއަށް އެންގެވުމަށް ވަނީ އެދިފައެވެ.
މިގޮތަށް ފޮނުވާ ލިޔުން މިނިސްޓްރީގެ compliance@fishagri.gov.mv އަށް އީމެއިލުން ނުވަތަ މިނިސްޓްރީގެ ކޮންޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ 7928721 އަށް ފޮނުވުމަށް ވެސް އެދިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!