ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން މާލޭ ރައްޔިތުންނަށް މި މަހު 15 ގައި ގޯތި ދޫކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު، ކުޑަފަރީ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިޔަށްއޮތް ތަނުގައި ކޮންމެ ދުވަހަކު ކޮންމެވެސްސް އާއިލާއަކަށް ގޯތި ލިބެމުން ދާތަން ފެންނާނެ ކަމަށެވެ.

Ad
rt
ފޮޓޯ: ސައީދު (ތޮއްބެ)

ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަކީ ރައްޔިތުން ބޭނުންވާ އެންމެ މުހިއްމު އެއް ކަމަށްވާއިރު، ޕްލެޓަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ އަދަދަކީ ސަރުކާރުން ހެދި ދިރާސާއަކާއި ވަރަށް ގާތް އަދަދެއް ކަމަށެވެ. އެހެންކަމުން އެ ފްލެޓްތަކަށް ޝަރުތު ހަމަވާ ހުރިހައި އެންމެނަށް ފްލެޓް ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފެށި ނަމަވެސް ހުޅުމާލެ ފިޔަވައި ދެން ގޯތި ދޭން ބިން ކަނޑައަޅާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމެއެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައި ލިސްޓު އާންމުކޮށްފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.

ގޯއްޗަށް ހުޅުވައިލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި 23،088 މީހުން ވަނީ ހުށަހަޅާފައެވެ. އަދި މީގެތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 10،314 މީހުން ހިމެނެއެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލެ އިން 2،200 ގޯއްޗާއި ގުޅީފަޅުން 2،000 އަށްވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.