ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާހު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ރާއްޖެ ބައިނަލްއަޤގުވާމީ ފައިބަރ ކޭބަލްއާ ގުޅައިލުމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާ ކަމަށެވެ.

ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ނިޒާމަކާއި ރާއްޖެ ސީދާ މި ގުޅައިލެވެނީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ވިދާޅުވީ މި ކޭބަލްއާއެކު ޑިޖިޓަލް ދިވެހި ޖީލުގެ ފެށުން އިފްތިތާފުވެގންދާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި ކޭބަލް ވިއުގަޔާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދެވޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ކޭބަލް ވިއުގަޔާ ގުޅުމުން، ހިދުމަތް ދިނުމަށް ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫއަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާއީ، އިގްތިސާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ގައުމުތަކާ ގުޅައިލެވޭނެއެވެ.