ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
އެކަން ހާމަކުރައްވައި ޕީޕީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދިވެހީންގެ އަދި ޕީޕީއެމް، ޕީއެންސީގެ ރިޔާސއީ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ގެ ސްޕޯކްސްޕާސަންގެ މަގާމަށް ތޮލާލް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭނާ އަށް މަރުހަބާ ކިޔާ ކަމަށެވެ.
ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތޮލާލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.
ތޮލާލު އެ މަގާމަށް ހަމަޖައްސާފައިވާއިރު، އޭނާއަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ވެސް ހަމަޖެއްސެވި ފަރާތެވެ.
އެހެންނަމަވެސް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާތީ އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މައްސަލަ ނިންމާފައިވަނީ އީސީ އާ އެއްކޮޅަށެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ހުށަހެޅިނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ހަމަ އެދުވަހުއެވެ.
އެހެންވެ، އޯގަސްޓް 2 ވަނަ ދުވަހު ފަތިހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަނެ، އޯގަސްޓް 4 ވަނަ ދުވަހު ވަނީ އެ މައްސަލައިގެ ޝަރީޢަތް ފަށާފައެވެ. އަދި އެދުވަހު މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް އެދުވަހުގެ ހެނދުނު 10:00 ގައި ފެށި ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލީހުގައި ވަނީ މައްސަލައިގެ ޙުކުމް އިއްވާފައެވެ.
މި މައްސަލައިގެ ޙުކުމް އިއްވާ މަޖިލީހުގައި ފުރަތަމަ އިއްވީ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔެވެ. އެ ރަޢުޔުގައި ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު، އެ ޖޫރިމަނާ ނުދައްކާކަން މީރާގެ ނޯޓިސް އިން އެނގޭކަމަށާއި، އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް އީސީން ކަނޑައެޅީ ރަނގަޅަށް ކަމަށް ވިދާޅުވެފަވެއެވެ.
ފަނޑިޔާރު ސުއޫދުގެ ރަޢުޔަށް އުއްތަމަ ފަނޑިޔާރުގެ އަޙްމަދު މުޢުތަޞިމް ޢަދުނާން އާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމް ވެސް ވަނީ ތާއީދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!