ސްޕެނިޝް ލީގު ފަށަން ކުޑަތަން ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރ ތިބައޫ ކޯޓުއާގެ ކަކުލަށް ސީރިއަށް އަނިޔާއެއް ލިބިއްޖެއެވެ.

އުމުރުން 31 އަހަރުގެ ކޯޓުއާއަށް އަނިޔާވެފައި ވަނީ ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާގެ ވާތުފައިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން މި ހަފްތާ ބަންދުގައި ފަށާ ސްޕެނިޝް ލީގުގެ ބޮޑުބައެއް އޭނާއަށް ގެއްލޭނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އޮޕަރޭޝަން ކުރާނެއެވެ.

Ad
rt

2018 ވަނަ އަހަރު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވެ، ރެއާލުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާވަނީ މިހާތަނަށް ރެއާލަށް 230 މެޗު ކުޅެފައެވެ. ރެއާލާއިއެކު 2022 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އެ އަހަރުގެ ފައިނަލް މެޗުގައި ކޯޓުއާ ވަނީ މޮޅު ކުޅުމެއްދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ކޯޓުއާ ވަނީ ރެއާލާއިއެކު ސްޕެނިޝް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އެތުލެޓިކޯ މެޑްރިޑް ދޫކޮށް ޗެލްސީއަށް ބަދަލުވުމުގެ ކުރިން ކޯޓުއާ ވަނީ 2014 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑާއިއެކު ވެސް ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ.

ސްޕެނިޝް ލަލީގާ މާދަމާ ރޭ ފަށާއިރު ރެއާލްގެ ފުރަތަމަ މެޗުގައި، މާދަމާރޭ ބައްދަލުކުރާނީ އެތުލެޓިކް ބިލްބާއޯއާއެވެ.