20 އަހަރުގެ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލޭގެ ގެ އެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގައިދިޔަ ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ އެ ކުއްޖާ ފިހިގެން ރިޕޯޓުކޮށްފައިވަނީ ރޭ 11 ޖަހާކަށް ހާއިރު ކަމަށެވެ.
އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާގެ 18 އިންސައްތަ ފިހިފައިވާ ކަމަށެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ވެސް އަދި އެމްއެންޑީއެފް އިން ހާމައެއް ނުކުރައްވައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލޭ އެދުރުހިޔާގެ އެޕާޓްމެންޓެއްގައެވެ.
ގޭސް ފުޅި ގޮވުން ފަދަ ހާދިސާތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޭތެރެދޭތެރެއިން ހިނގަމުން އަންނައިރު، މިފަދަ ހާދިސާތަކުގައި ގެދޮރަށާއި މުދަލަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ. އަދި ބައެއް މީހުންގެ ފުރާނަ ގެއްލި، އެކވަރުގެ އަނިޔާތައް ވެސް ލިބިފައި އެބަހުއްޓެވެ.
އެގޮތުން މއ. ގުލާބީގޭގައި ހިނގި މި ހާދިސާއެއްގައި ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް މިދިޔަ ޖޫން މަހު ވަނީ ފަރުވާދީފައެވެ. އެއީ 35 އަހަރުގެ އަންހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!