ހއ. ދިއްްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އެ ރަށުގައި ބަހުގެ ހިދުމަތް ފެށުމަށް ވަޒީފާތަކަށް މިހާރު އިއުލާންކޮށްފައެވެ. އެގޮތުން ހަ ބަސް ޑްރައިވަރުންނާއި ދެ މޭކޭނިކުން ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.
މިއީ މާލެ ސިޓީ އާއި އައްޑޫ، ފުވައްމުލަކު ސިޓީގެ އިތުރުން އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފަށާނެ ފުރަތަމަ ރަށެވެ.
ދިއްދޫގައި ހުޅުވާލި ފުރުސަތުގެ ދަށުން މެކޭނިކުންނަށް 14،000ރ. ގެ އުޖޫރައެއް ލިބޭއިރު ބަސް ޑްރައިވަރުންނަށް 12،000ރ. ގެ އުޖޫރައެއް ލިބޭނެއެވެ. މުސާރައިގެ އިތުރުން ބީއޯ ލައިސެންސް އޮތްނަމަ ޑްރައިވަރުންނަށް އިތުރުން 2،500ރ. ލިބޭނެއެވެ.
މީގެ އިތުރުން އިތުރު ގަޑީގެ ފައިސާ އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބިގެންދާނެއެވެ.
އެމްޓީސީސީގެ ވަޒީފާތަކާ ގުޅޭ ފަރާތްތަކަށް އެ ކުންފުނިން ހާއްސަ ޓްރެއިނިން ވެސް ފޯރުކޮށްދެއެވެ. އެގޮތުން، މިހާތަނަށް ގިނަ އަދަދެއްގެ ބަސް ޑްރައިވަރުން އެ ކުންފުނިން ވަނީ ތަމްރީނުކޮށްފައެވެ.
ދިއްދޫގައި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު އެ ރަށުގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!