ވިލާ ގްރޫޕްގެ ޗެއާމަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ވިލާ ފައުންޑޭޝަނުން ދިވެހި ދަރިވަރުން އުނގެނެން މިހާތަނަށް ދޫކުރި ހުރިހާ ސްޓޫޑަންޓް ލޯނުތައް ރޭ މަޢާފުކޮށް ދެއްވައިފިއެވެ.

މި ލޯނުތައް މަޢާފުކޮށް ދެއްވިކަން ޢިއުލާން ކުރެއްވީ ''ޤާސިމް-އަމީން 2023'' ރިޔާސީ މެނިފެސްޓޯ އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޖޭޕީގެ މައި ހެޑްކުއާޓާސް، ކުނޫޒްގައި ބޭއްވި މި ހަފްލާގައި ޤާސިމް ވަނީ ކޯވވިޑުގެ ދުވަސްވަރު، ސިއްހީ ދާއިރާގެ ޚިދުމަތްތެރީން އުފުލި ބުރަޔާއި، ތަހައްމަލު ކުރި ވޭން އިހުސާސްކުރެވުނުކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެފަރާތްތަކުގެ އެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ޤާސިމްގެ ވިލާ ފައުންޑޭޝަނުންނާއި ވިލާ ކުންފުނިން އަދި ޤާސިމްގެ އަމިއްލަ ޚަރަދުގައި، ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އަދި ކުރަމުންދާ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު މީގެ ކުރިން މައާފުކޮށްދެއްވިކަން ޤާސިމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޤާސިމްގެ ލޯނު އެހީގެ ދަށުން ކިޔެވި ފަރާތްތަކަށް ޤާސިމް މަޢާފްކޮށް ދެއްވި ލޯނުގެ ޖުމްލަ އަކީ 2.4 މިލިއަން ޑޮލަރެވެ. އެއީ ސިއްހީ ދާއިރާއިން މަތީ ތައުލީމް އުނގެނުނު 126 ފަންނީ ބޭފުޅުންނެވެ.

''އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޖެއްޔާ ފަސްޓް ޑިގްރީއެއް ނޫން، މާސްޓަރ ޑިގްރީއާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގަ އިރާދަކުރެއްވިއްޖެއްޔާ. އަދި ކީއްކުރަންތޯ؟ މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު. އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެއްމެ ލާރިއެއްވެސް.'' ޤާސިމް ވިދާޅުވިއެވެ.

''އަދި އަޅުގަނޑު މިހެން ދަންނަވާއިރު، އެއީ ދައުލަތުގެ ވާހަކަ މި ދެންނެވީ. އަޅުގަނޑު އަމިއްލަ ގޮތުން 8000 އެއްހައި ކުދިންނަށް ކިޔަވައިދިނިން. އެކި ޕަސެންޓޭޖުގެ ތަފާތު ރޮނގު ރޮނގުން ކިޔަވައިދިނިން. އެހީތެރިވެދީފައި ހުންނާނެ އެއްބައި ކުދިންނަށް ގްރާންޓެއްގެ ގޮތުން، ސްޕޮންސާއެއްގެ ގޮތުންވެސް. އެކަމު އޭގެތެރެއިން ގިނަ ކުދިންނަކީ ކޮންމެސް ޕަސެންޓެއް، އަހަރަކު އެއް ޕަސެންޓް ދެ ޕަސެންޓް ދައްކަން ޖެހޭ ކުދިން. އެހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފުކޮށްދިނީ މި.'' ޤާސިމް ރޭ ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، ވިލާ ފައުންޑޭޝަނުން ނުވަތަ ޤާސިމް އިބްރާހީމް ސްކޮލަރޝިޕެއް ދީގެން ކިޔަވާފައިވާ ނުވަތަ މިހާރުވެސް ކިޔަވަމުންދާ ކުދިންވެސް އެކުދިންގެ ކޯސް ނިމެންދެން ދީފައި ހުރި ހުރިހާ އެއްޗެއް މާފުކޮށްދެއްވާފައިވާ ކަމަށާއި، ''އެއްމެ ކުއްޖެއްވެސް ލާރިއެއް ދައްކާނެކަމެއް ނެތް. އަޅުގަނޑަށް ވެރިކަން ލިބުނަސް، ނުލިބުނަސް.'' ޤާސިމް ވިދާޅުވިއެވެ.