މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.

މި މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ޖަލްސާގައި ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

Ad
rt

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަމްބަރު 5 އެވެ.

ގާސިމްގެ މެނިފެސްޓޯ ހައްދަވާފައިވަނީ އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ފަންނީ ކޮމިޓީއަކުންނެވެ. މި ކޮމެޓީ ޗެއާ ކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް ކަމާއި، ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބުދުﷲ ޖިހާދެވެ.

އެ ޕާޓީގެ މެނިފސްޓޯގައި ހއ، ހދ، ށ ނ، ރ އަދި މާލެ އަތޮޅު އުތުރު ބައި، ބ، ޅ ގައި ޓާޝަރީ ފެންވަރަށް ޚިދުމަތްދޭނެ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއެކު، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އއ، އދ، ވ، މ، ފ، ދ އާއި ތ، ލ، އަދި ގއ، ގދ، ޏ، ސ އަތޮޅުގައި ވެސް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭނެ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއެކު، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަން ތަރައްޤީކުރާނެ އެކި ކަންކަން ހިމަނާފަައިވެއެވެ.

މީގެ އިތުރުން އިޤްތިސާދީ އިޖުތިމާއީ ތަރައްގީގެ 7 ސަރަހައްދެއް ޤާއިމު ކުރަން އެ މެނިފެސްޓޯގައި ހިމަނާފައިވާއިރު، މުޅި ރާއްޖޭގައި 35،000 ފަތުރުވެރިކަމުގެ އެނދު އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރަން ވަނީ ހިމަނާފައެެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ނުކުމެވަޑައިގެންނެވީ ގާބިލް، އިލްމީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމަކާއެކު ކަމަށްވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލި މެނިފެސްޓޯ އަކީ، ދިވެހި ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު، މި ދެންނެވި ޓީމުން ދިވެހިންނަށްޓަކައި ތައްޔާރުކޮށްފައިވާ، ދިވެހިންގެ މެނިފެސްޓޯއެކެވެ.

ޖޭޕީން ހާމަކޮށްފައިވާ ގޮތުގައި މި މެނިފެސްޓޯއަކީ ރާއްޖެ ތަހުޒީބުގެ އައު މަންޒިލަކަށް ގެންގޮސްދޭނޭ މަގެއް ކަމަށެވެ. އަދި އެމަގުގައި ދިވެހީން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ތަޖުރިބާއާއި ގާބިލުކަން ގާސިމް ހޯއްދަވާފައިވާ ކަމަށެވެ.