ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ޕީއެންސީގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރުން އެއްބަސްވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ދެ ޕާޓީ އޮތީ މުއިއްޒު ފަހަތުގައި ބަދަހިކޮށް ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ދެ ޕާޓީގެ މެދުގައި އެއްވެސް ހިޔާލުތަފާތުވުން ނެތް ކަމަށާއި ސެނެޓުގައި ހިޔާލު ތަފާތު ވުމަކީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީ އޮތް ވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓީ ބައިބައިވެ، ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް ޔާމީން ހުށަހެޅުއްވި ގޮތާ ހިލާފަށް އިންތިހާބުގައި ވާދަކުރަން ސެނެޓުގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ އެމަނިކުފާނުގެ ހައްގުގައި ކަަމަށާއި ރިޔާސީ އިންތިހާބަށް ޕްލޭން އޭ، ބީ އަދި ސީ އެއް މީގެ ކުރިން ޔާމީން ވަނީ ހަމަޖައްސަވާފައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕްލޭން ސީގައި ކުރިއަށް ދިއުމަށް ނިންމީ ޕިޕީއެމް މަގުމަތުވުމަށް ނޭދޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސައި، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިނަމަވެސް އެ ފޯމު ބަލައިގެންފައެއް ނުވެއެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ވެސް ވަނީ ނިންމާފައެވެ.