އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައި، ރޯކޮށްލާފައިވާތީ، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެރަށުގައި ޖަލްސާ ބާއްވާފައިވަނީ ގަސް ދޮށުގައެވެ.
އެ ގަސްދޮށުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވިދާޅުވީ މިހިނގައިދިޔަ ކަންކަމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް މަޑަވެލީގެ އެމްޑީޕީއާއި ކޯލިޝަންގެ މެމްބަރުން އެކަމާއި ނުވިސްނައި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ވަނީ ގޮވައިލައްވާފައެވެ.
ކުރިއަށް އޮތް ދައުރުގައި މަޑަވެލީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ވަނީ މަޑަވެލީގެ މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ޒުވާނުންނަށް ބޭނުންވާ ކަންކަން ހަމަޖެހޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މަޑަވެލީގައި އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ބަޔަކު ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފައެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ އަލިފާން ނިންވާލީ އާއްމުންނާއި ފުލުހުން ގުޅިގެން ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހައިތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން، އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ވަނީ ރަސްމީގޮތުން ހުޅުވައިދެއްވައި، އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ވަނީ ފާހަގަކޮށްދެއްވާފައެވެ.
އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުނިއިރު، މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.
މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!