މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި އިންތިހާބާއި ބެހޭ މައި މަރުކަޒު، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް އެ ކޮމިޝަނަށް ހުށަހެޅުން ވަނީ އެދިފައެވެ.
އެހެން ނަމަވެސް ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް އީސީ އިން ވިދާޅުވެއެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލުމުން މުއްދަތުހަމަވިއިރު ކުރިމަތިލައްވާފައިވަނީ 8 ފަރާތަކުންނެވެ.
އޮގަސްޓު 7 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ސުންގަޑިހަމަވިއިރު، އިލެކްޝަަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑިޕީގެ ފަރާތުން ރައީސް ސާލިހާއި ޕީއެންސީގެ ފަރާތުން ޑރ. މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް އާއި އެމްއެންޕީ ގެ ފަރާތުން ނާޒިމްއާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު އެވެ.
މީގެ އިތުރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާފައިވަނީ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަދު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!