މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް، އިލްކްޝަންސް ކޮމިޝަން (އީސި) އިން ބަލައިގެންފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.

Ad
rt

ގާނޫނުގައިވާ ގޮތުގެ މަތީން، މުޙައްމަދު ނާޒިމް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިރޭ ގަބޫލު ކޮށްފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަހްމަދު އަދީލް ނަސީރުއެވެ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެޑައިގަންނަވާ އަދީލަކީ 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައިވާ ފަރާތެކެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމްއެވެ. އެ ފޯމާއި އީސީން ހަވާލެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނާޒިމަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.

އަންމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ޕާޓީއަކުން ވަނީ ކެންޑިޑަސީ ފޯމް ހުށައަޅާފައެވެ. އޭގެއިތުރުން އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މާދަމާ ހަވާއިރު، ކެނޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ބުދަ ދުވަހުއެވެ.