ކުރީގެ ވަޒީރު މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ޑރ. ޝައުގީ ވަނީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Ad
rt

ޑރ. ޝައުގީ ޖޭޕީއަށް ގުޅިވަޑައިގެން ފޯމު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި މިއަދު ހަވާލުކޮށް ދެއްވި ރަސްމިއްޔާތުގައި ޤާސިމް ވަނީ ޑރ. ޝައުގީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޝައުގީ ސޮއި ކުރެއްވި މެންބަރޝިޕް ފޯމުގައި އެއް ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރެއްވީ ވެސް ޤާސިމް އެވެ.

ޖޭޕީ އާއި ގުޅިވަޑައިގަތުމުގެ ކުރިން ވެސް ޑރ. ޝައުގީ އަކީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙީމާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެންމެފަހުން އޮތް ޖޭޕީގެ ޤައުމީ ކޮންފަރެންސް ޗެއާ ކުރައްވައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވީ ވެސް ޝައުގީއެވެ.

ޑރ. ޝައުގީ ޖޭޕީ އަށް ސޮއި ކުރެއްވިއިރު، މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޤާސިމްގެ ރަނިން މޭޓެއް ވެސް މިއަދު ހަމަޖައްސާނެ ކަމަށް މައުލޫމާތު ލިބެއެވެ.