ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި ކްރޮއޭޝިއާގެ ޒުވާން ޑިފެންޑަރ ޖޮސްކޯ ގްވާޑިއޯލްގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

އާރުބީ ލައިޕްޒިގުން، އުމުރުން 21 އަހަރުގެ ގްވާޑިއޯލްގެ ސިޓީއަށް ވިއްކާލާފައިވަނީ 77 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާއަކީ ދެވަނައަށް އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރި ޑިފެންޑަރެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ 2019 ވަނަ އަހަރު ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު އިނގިރޭސި ޑިފެންޑަރ މެގުއާއެވެ. ޔުނައިޓެޑުން މެގުއާ ގެނެސްފައި ވަނީ 80 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

Ad
rt

ވާތުފައިން ކުޅޭ ގްވާޑިއޯލްއަކީ ސެންޓަ ދިފެންސްގެ ވާތުފަރާތުން ކުޅުމުގެ އިތުރުން ވާތު ފަރާތުގެ ފުލް ބެކުގައި ވެސް ވަރަށް މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިހާރު ކްރޮއޭޝިއާގެ ޤައުމީ ޓީމްގެ ޑިފެންސް ލައިންގައި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އޭނާއެވެ. އެންމެ ފަހުން ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ޓީމުން ތިންވަނަ ހޯދިއިރު އެ މުބާރާތުގައި ވެސް އޭނާ ވަނީ މޮޅަށް ކުޅެފައެވެ.

ސިޓީއަކީ މިވަގުތު އެންމެ އަގުބޮޑު ޑިފެންސް ލައިން އޮތް ޓީމެވެ. ދުނިޔޭގައި އެންމެ އަގުބޮޑު ދިހަ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ހަތަރު ޑިފެންޑަރުން ސިޓީގައި މިވަގުތު އެބަތިއްބެވެ. އެއީ ގްވާޑިއޯލްގެ އިތުރުން ރުބެން ޑިއާޒް، ޖޯ ކެންސެލޯ އަދި ލަޕޯޓްއެވެ.